އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު އެއްކޮށް ރޫޅާލައި ނިއުކްލިޔާ ޓެކްނޮލޮޖީއާ ދުރަށް އީރާން ދިޔުން ނޫން ގޮތެއް އެމެރިކާއަށް ގަބޫލު ނުކުރެވޭނެ ކަމަށާއި، އެގޮތަށް އެކަން ކުރަންޖެހޭ ކަމަށް އެމެރިކާގެ ރައީސްގެ މަންދޫބު ސްޓީވަން ވިޓްކޯފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލައާއި ގުޅޭގޮތުން އެމެރިކާގެ އިސްވެރިން ވައިޓްހައުސްގައި ރައީސް ޓްރަމްޕާއެކު ބޭއްވި މަޝްވަރާތަކަށްފަހުގައެވެ.
ވިޓްކޯފް ވިދާޅުވީ އީރާނުން ނިއުކްލިޔާ ބޮން ނުހަދާނެކަމުގެ ޔަގީންކަން އެމެރިކާއަށް ލިބޭނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލައި، ނިއުކްލިޔާ ރިއެކްޓަރުތަކާއި ލެބޯޓްރީތައް ރޫޅާލައި، ނިއުކްލިޔާ ޓެކްނޮލޮޖީއާއި މުޅިން ދުރަށް އީރާން ޖެހިލައިގެން ކަމުގައެވެ.
މިކަމާއި ގުޅިގެން އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވެފައިވަނީ މިއީ އީރާނުގެ ރަތްރޮނގު ހުރަސްކުރުން ކަމަށާއި، އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލުމާ ބެހޭގޮތުންނާއކ އަދި ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމާ ބެހޭގޮތުން އެމެރިކާއާ ވެސް އަދި އެހެން ފަރާތަކާއެކު ވެސް އީރާނުން ވާހަކަ ނުދައްކާނެ ކަމުގައެވެ.
އިރަގްޖީ އިތުރަށް ވިދާޅުވީ އީރާނަށް ޔުރޭނިއަމް މުއްސަނދި ކުރުމަށް ލިބިގެންވާ ހައްގަކީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ނިއުކްލިޔާ މަރުކަޒުތައް ރޫޅާލުމަކީ ކުރާނެކަމެއް ނޫންކަމަށެވެ.
އީރާނާއި އެމެރިކާ އާ ދެމެދު ނުސީދާ ގޮތެއްގައި އޮމާންގެ ވެރިރަށް މަސްކަޓްގައި މިދިޔަ ހަފްތާގައި މަޝްވަރާތަކެއް ބޭއްވިފައިވެއެވެ. އަދި އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގެ ދެވަނަ ބުރު ބޭއްވުމަށް ރޭވިފައިވަނީ އިޓަލީގެ ވެރިރަށް ރޯމްގައި އަންނަ ހޮނިހިރު ދުވަހުއެވެ.









