ދުންފަތް މަނާވާ އުމުރު ކަނޑައެޅުމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރެއްވި ވީޑިއޯއެއްގައި ރައީސް މުޢިއްޒު ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭ ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްދެއްވާފައެވެ. މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކް ސަރވޭ 2022 އަށް ހަވާލާދެއްވައި، ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށެވެ.
"ރާއްޖޭގައި ބަލިތަކާ ގުޅިގެން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.
2021 ވަނަ އަހަރު ހެދުނު ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ސަރވޭއަށް ހަވާލާދެއްވައި، ރައީސް ވިދާޅުވީ 15 އަހަރާއި 29 އަހަރާ ދެމެދުގެ 28.1 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާ ކަމަށެވެ. އަދި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭއަށް ހަވާލާދެއްވައި، ސްކޫލަށްދާ އުމުރުފުރައިގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިން ނިކޮޓިން މާއްދާ ހިމެނޭ ބާވަތެއް ބޭނުންކުރާ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތައަކީ 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ މީހުން ކަމަށެވެ. އަދި މި އާބާދީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ޖެނެރޭޝަނަލް ބޭނެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރވޭތަކެއް ކުރެވި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން. ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮންލައިން ޕޯލެއްވެސް ނަންގަވާފައެވެ. މި ޕޯލުގައި ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށެވެ.






