ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އިން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ނެރެފައިވާ މޫސުމީ ސަމާލުގައެވެ.
މެޓް އިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އިން ބުންޏެވެ.
ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުންޏެވެ.
މިއަދު ފަތިހު 5:15 ގެ ސެޓެލައިޓު ފޮޓޯ. / ފޮޓޯ: މެޓް
މެޓް އިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެ ކަމަށް މެޓް އިން ބުންޏެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓް އިން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެމުންނެވެ. އެގޮތުން ލ އަތޮޅުން ފެށިގެން ގދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވަނީ ނެރެފައެވެ.
ވިއްސާރައާ ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށާއި، ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އިން ވަނީ އިރުޝާދު ދީފައެވެ.









