ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އާސެނަލުން ރިއަލް މެޑްރިޑް ހައިރާން ކުރުވަނިވި ގޮތަކަށް ބަލިކޮށްފިއެވެ.
ޑެކްލަން ރައިސް އަދި މެރީނޯގެ ގޯލުތަކުން އާސެނަލުން ރިއަލް މެޑްރިޑް ބަލިކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
ތިން ގޯލުވެސް ފަހު ހާފުގައި ފެނިގެންދިޔައިރު މިރޭގެ މެޗު އެ ކުޅުންތެރިޔަކަށް އާސެނަލްގެ ސަޕޯޓަރުން ފަހުރުވެރިވާނީ 12 މިނެޓު ތެރޭގައި ތަފާތު ދެ ހިލޭ ޖެހުމެއް ގޯލަށް ވައްދާލި ޑެކްލަން ރައިސް އަށެވެ. މި ދެ ހިލޭ ޖެހުމަކީ ވެސް ރިއަލްގެ ކީޕަރު ކޯޓުއާރ އަށް މަތަކުރަން ފަސޭހަ ނުވާނެ ހިލޭ ޖެހުން ތަކެކެވެ.
މެޗުގެ ތިން ވަނަ ގޯލަކީ ވެސް މަތަ ކުރަން އުދަނގޫ ހިތްގައިމު ގޯލެކެވެ. މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ފޯވާޑު މައިކަލް މެރީނޯއެވެ.
އާސެނަލްގެ ގޯލު މެޑްރިޑަށް ފޫއަޅުވާ ނުލެވުނުއިރު މެޗުގެ ފަހު މިނެޓުގައި އެޓީމުގެ މެދުތެރެއަށް ކުޅޭ އެޑުއާޑޯ ކަމަވިންގާއަށް ވަނީ ދެ ރީދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އޭޕްރީލް 17 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގު އޮންނާނީ މެޑްރިޑުގެ ދަނޑުގައެވެ. ސެމީ ފައިނަލުން ޖާގަ ހޯދުމަށް ހަތަރު ގޯލުގެ ތަފާތަކުން މޮޅުވާން މެޑްރިޑަށް މަޖުބޫރެވެ. ނޫން ނަމަ ތިން ގޯލުގެ ތަފާތަކުން މޮޅުވެ ޕެނަލްޓީން އަށް ގޮސް މޮޅުވާން ޖެހެއެވެ.
މި ފަހަކަށް އައިސް މެޑްރިޑުގެ ފަރާތުން ފެނިގެންދަނީ ދަށް ކުޅުމެކެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މެޑްރިޑު މޮޅުވެފައެއް ނުވެއެވެ. ކޮޕަ-ޑެލް-ރޭ ގެ ސެމީގައި އެއްވަރު ވެފައިވާއިރު ފައިނަލުން ޖާގަ ލިބުނީ ދެ މެޗުގެ އެގްރިގޭޓުން ކުރި ލިބުމުންނެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާ އަތުން އެޓީމު ވަނީ ބަލިވެފައެވެ.