ޢީދާއި ގުޅިގެން މިއަދު ހަވީރު މަގުމަތީގައި ވެހިކަލް ދުއްވުން މަނާ

ހުސައިން އިސްމާއިލް | 112 ދުވަސް ކުރިން - 30 މާރިޗް 2025 14:38
މާލޭގެ އަމީނީމަގުގައި ޓެކްސީއެއް ދަތުރުކުރަނީ / ފޮޓޯ: ޚުލާސާ
މާލޭގެ އަމީނީމަގުގައި ޓެކްސީއެއް ދަތުރުކުރަނީ / ފޮޓޯ: ޚުލާސާ
ޚުލާސާ

ހަވީރު 4:00 އިން ފެށިގެން މިރޭ 11:30 އަށް ބަރު އުޅަނދު ދުއްވުންވެސް މަނާކޮށްފައިވޭ. އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަނެ.

ފިތުރު އީދު ދުވަހާއި ގުޅިގެން މިއަދު ހަވީރު މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ނެރުނު އިޢުލާނުގައި ބުނެފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށާއި ހަވީރު 4:00 އިން ފެށިގެން މިރޭ 11:30 އަށް ބަރު އުޅަނދު ދުއްވުންވެސް މަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ބައެއް ބާވަތްތަކުގެ އުޅަނދުތަކަށް މި ވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ދީފައިވެއެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި، އެމްބިއުލާންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވާ އުޅަނދުތައް، އަދި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް ހިމެނެއެވެ.

މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލުންވެސް ވަނީ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށް އިޢުލާނެއް ނެރެފައެވެ. މި އިޢުލާނުގައި ބުނެފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%