މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާރިޗު މަހުގެ 30 ވަނަ ދުވަސް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިޢުލާނު ކޮށްފައިވާއިރު، ދިވެހިރާއްޖޭގެ އަވަށްޓެރި ގިނަ ޤައުމުތަކުން ޢީދު ފާހަގަ ކުރާނީ ހޯމަ ދުވަހު ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ދިވެހިރާއްޖެއަށް ޝައްވާލް މަހުގެ ހަނދު ނުފެނުނު ނަމަވެސް، ސަޢުދީ ޢަރަބިއްޔާއަށް ހަނދު ފެނިފައިވާތީ، ޢާންމުކޮށް ޢަމަލު ކުރާ އުސޫލާ އެއްގޮތަށް ދިވެހިރާއްޖޭގައި ޝައްވާލް މަހުގެ 1 ވަނަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30 މާރިޗު 2025 ވާ އާދީއްތަ ދުވަހެވެ. ސަޢުދީ ޢަރަބިއްޔާގެ އިތުރުން އެކުވެރި ޢަރަބި އިމާރާތާއި ޤަޠަރުން ވެސް ވަނީ އާދިއްތަ ދުވަހަކީ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި ޢީދު ފާހަގަ ކުރާނީ ހޯމަ ދުވަހުއެވެ. މީގެ އިތުރުން، އިންޑޮނޭޝިޔާ އަދި މެލޭޝިޔާގައި ވެސް ޢީދު ފާހަގަ ކުރާނީ ހޯމަ ދުވަހުއެވެ.
ދިވެހިރާއްޖެއާ ޚިލާފަށް، މުސްލިމުންގެ އާބާދީ ބޮޑު މި ޤައުމުތަކުގައި ރަމަޟާން މަސް ފަށާފައި ވަނީ މާރިޗު މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންކަމުން، މާރިޗު މަހުގެ 30 ވަނަ ދުވަހު އެ ޤައުމުތަކުގައި ހިފާނީ ރަމަޟާން މަހުގެ 29 ވަނަ ރޯދައެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އީރާނާއި ޢުމާނުން ވެސް ޢީދު ފާހަގަ ކުރާނީ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ.
މި ތަފާތުތައް އުފެދިފައިވަނީ ޤައުމުތަކުގައި ހަނދު ފެނުމުގެ ތަފާތާއި، ރަމަޟާން މަސް ފެށި ތާރީޚުގެ ތަފާތުގެ ސަބަބުންނެވެ.









