އޯޓިޒަމް ކުދިންނަށް މަލާމާތް ރައްދުވާގޮތަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދެއްކުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކަން ކުށްވެެރިކޮށްފިއެވެ.
އެޗްއާރުސީއެމް އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ކާލާބައިސާ" ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށް އަދި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަދައްކާފައިވާތީ އެކަން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.
މުޖުތަމަޢުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ހައްޤުތައް އެއްހަމައެއްގައި ލިބިދީފައިވާ ކަމަށާއި، ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ލިބިދީފައިވާކަން އެޗްއާރުސީއެމް އިން ފާހަގަކުރިއެވެ.
އެފަދަ ޢަމަލުތައް ނުކުރުމަށާއި އަދި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މަޢުލޫމާތު ގެނެސްދިނުމުގައި މުޖުތަމަޢުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް އެޗްއާރުސީއެމް އިން ވަނީ ހުރިހާ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ވަނީ އެފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.
ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން "ކާލާބައިސާ" ޕްރޮގްރާމްގައި ބައިވެރިވި މެހެމާނުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް "މީނައަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ..އޯޓިސްޓިކް އެކަންޏެއް ނޫން، ޑައުންސިންޑްރަމް ވެސް ހުންނަހެން ހީވަނީ..." މި އިބާރާތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.









