ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން ތޯހާ އެޗްއާރުސީއެމްއަށް އައްޔަންކުރަން ފާހެއް ނުވި

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 17 އޯގަސްޓް 2025 13:31
ތޯހާއާ ކޮމިޓީން އިންޓަވިއު ކުރަނީ.--މިހާރު
ތޯހާއާ ކޮމިޓީން އިންޓަވިއު ކުރަނީ.--މިހާރު
ޚުލާސާ

"...އެއީ، ގެވެށި އަނިޔާގެ އެއްވެސް ކަމެއް އެކަހަލަ ގޮތަކަށް ދިމާލެއް ނުވޭ އިނގޭތޯ،" ތޯހާ ވިދާޅުވި.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާއަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާގެ ނަން އެ ކޮމިޝަނަށް ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި އެވެ. 

އިންސާނީ ހައްގުތަކާ ގުޅޭ އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ ތޯހާގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ. އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ އިންޓަވިއުކޮށްފަ އެވެ.

އެ އިންޓަވިއުގައި، ބައެއް މެންބަރުން ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންސީއޭގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމް ފުރުއްވި ތޯހާއާ ގުޅޭ ގޮތުން އާއްމުން ފޮނުވި ޝަކުވާތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި އޮތީ، އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް އެ ޝަކުވާގައިވެ އެވެ.

ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ، އޭނާއަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިފައި ނުވާ ކަމަށާއި އެފަދަ ކަމެއްގައި އެއްވެސް އިދާރާއަކަށް ވެސް ހާޒިރުކޮށްފައި ނުވާ ކަމަށެވެ.

ހަމަ އެ ތުހުމަތާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސުވާލުކުރުމުން ތޯހާ ވިދާޅުވީ އެ ކައިވެނި ރޫޅުނީ ގެވެށި އަނިޔާއާ ހެދި ކަމަށް ބުނާ އަޑުތަކެއް މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވެސް އަޑުއިވުނު ކަމަށާއި ނަމަވެސް، އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އެ އާއިލާއާ މިހާރު ވެސް ގުޅުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

"...އެއީ، ގެވެށި އަނިޔާގެ އެއްވެސް ކަމެއް އެކަހަލަ ގޮތަކަށް ދިމާލެއް ނުވޭ އިނގޭތޯ،" ތޯހާ ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ތޯހާގެ މައްޗަށްކޮށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ، އޭނާ ސިފައިން ގޭގައި މަސައްކަތްކުރި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި އެތަނުން އިސްތިއުފާ ދިނީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ. އާންމުންގެ މީހަކު ފޮނުވި އެ ޝަކުވާއާ ގުޅޭ ގޮތުން މެންބަރު ރިފާއު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ވެސް ތޯހާ ވިދާޅުވީ އޭނާ ސިފައިންގެއިން އިސްތިއުފާ ދިނީ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ. އިސްތިއުފާ ދިނީ އަމިއްލަ ކުންފުންޏަކުން ލިބުނު ރަނގަޅު ފުރުސަތަކާ ގުޅިގެން ކަމަށާއި އެމްއެންޑީއެފްގައި އެއްވެސް ގޯހެއް ހިނގައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގާނޫނުތަކުގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ތޯހާއާ ކުރި ސުވާލުތަކަށް ވެސް އޭނާއަށް އެކަށީގެންވާ ޖަވާބެއް ނުދެވުނެވެ. އެ ކަންކަން ރަނގަޅަށް ބެލިފައި ނުވާ ކަމަށް އޭނާ ސުވާލުތަކަށް ޖަވާބު ދެމުން ބުނެފައިވެ އެވެ.

އިންޓަވިއުއަށް ފަހު ދެ ނަމަށް ލިބުނު މާކްސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އާންމު ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތި ކަމަށްވާ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ޝަފީގަށް އެކަންޏެވެ. ތޯހާއަށް މާކްސް ލިބިފައިވަނީ އެއަށް ވުރެ ދަށުންނެވެ.

އެހެންވެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރީ ޝަފީގުގެ ނަން އެކަންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%