މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ ދެ އޮފިސަރުން ފުރުން މަނާކޮށްފިއެވެ.
ފުލުހުން ބުނީ، މި ދެ އޮފިސަރުންގެ ފުރުން މަނާކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.
މިހާރު ހިނގަމުންދާ ތަޙްޤީޤަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދުގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އަދި އިމިގްރޭޝަންގެ ވަޒީފާ އަދާކުރަމުން ގޮސް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި ތިން އޮފިސަރުންގެ ތެރެއިން ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު 3 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.









