ވެލެންސިއާ ކްލަބުގެ ތާރީޚުގައި އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ދަރަނި މިހާރު ދައްކައި ނިންމާފައިވާ ކަމަށް އެ ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ވިދާޅުވެއްޖެއެވެ.
އަޒްމީން ވިދާޅުވި ގޮތުގައި، 2021 އަދި 2022 ގައި ކްލަބަށް ކުޅުނު ސްޕެއިންގެ ބޯހަސް މާޓިން އާއި ހޯޒޭ އެންޓޯނިއޯ ޑޮމިންގޭޒްއަށް ދޭންޖެހުނު މުސާރައާއި އޭއެފްސީއަށް ދައްކަންޖެހުނު ޖޫރިމަނާގެ ފައިސާ ހިމެނޭ ގޮތަށް، 1.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކާފައިވެއެވެ.
"ވެލެންސިއާގެ މުޅި ތާރީޚުގައި ވެސް މިހާބޮޑު ދަރަންޏެއް ނާދޭ. އެއްފަހަރާ ދަރަންޏަށް މިހާ ފައިސާ ޚަރަދުކުރަން ޖެހިފައެއް މީގެ ކުރިއަކުން ނެތް،" އަޒްމީން ވިދާޅުވިއެވެ.
މި ދަރަނީގެ ތެރޭގައި ހިމެނެނީ:
- ބޯހަސް މާޓިންއަށް ދޭންޖެހުނު 40,000 ޑޮލަރުގެ މުސާރަ
- ހޯޒޭ އެންޓޯނިއޯ ޑޮމިންގޭޒްއަށް ދޭންޖެހުނު 20,710 ޑޮލަރުގެ މުސާރަ
- އޭއެފްސީއަށް ދައްކަންޖެހުނު 20,000 ޑޮލަރުގެ ޖޫރިމަނާ
އަޒްމީން ވިދާޅުވި ގޮތުގައި، މި ދަރަނި ދެއްކުމުން ކްލަބަށް އިތުރު ކުޅުންތެރިން ގެނައުމުގެ ހުއްދަ ލިބި، ޓްރާންސްފަރ ބޭން ނިމުމަކަށް އައިސްފައިވެއެވެ. އަދި މިހާރު ބިދޭސީ ހަތަރު ކުޅުންތެރިން ޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަރަނިން އަރައިގަތުމުގައި ސްޕޯޓްސް މިނިސްޓްރީން ދިން އެއްބާރުލުން އަޒްމީން ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ޖެހުމަކީ ކުރިމަތީގައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.