ރޭ ދަންވަރު އެމެރިކާއިން ޔަމަނުގެ ހޫޘީން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ވައިގެ ޙަމަލާތައް ދީފިއެވެ. މި ޙަމަލާ ތަކުގައި މަދުވެގެން 31 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޞަންޢާ އަދި ޞަޢަދާ ޕްރޮވިންސްތަކަށެވެ. މިއީ ރަތް ކަނޑުގައި އިސްރާއީލާއި ގުޅުންހުރި އުޅަނދުފަހަރަށް ހޫޘީން ދިން އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާގެ ވައިގެ ލަޝްކަރާއި އިނގިރޭސީން ގުޅިގެން ދިމް ޙަމަލާ ތަކެކެވެ.

އެމެރިކާއައި އިނގިރޭސީން ރޭ ޔަމަނަށް ދެމުންދިޔަ ޙަމަލާތަކުގެ ތެރެއިން.
ޞަންޢާއަށް އަޅާލި ބޮންތަކުގައި 18 އާންމު ރައްޔިތުން މަރުވެ، 24 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ޞިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. މި ގޮވުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، އިމާރާތްތައް ވަނީ ފުނޑުފުނޑުކޮށް ވެއްޔަށް ހަދާލާފައެވެ.
ޞަޢަދާ ޕްރޮވިންސަށް ދިން ޙަމަލާތަކުގައި 11 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. އަދި 14 މީހުން ޒަޚަމްވެފައިވެއެވެ. ހޫޘީންގެ އަލް-މަސީރާ ޓީވީ ޗެނަލުން ދައްކާފައިވާ މަންޒަރުތަކުގައި ހަލާކުވެފައިވާ އިމާރާތްތަކާއި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދޭ މެޑިކަލް ޓީމްތައް ފެނިފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަމަލާތައް ސިފަކުރެއްވީ ހޫޘީންގެ އަނިޔާވެރިކަމަށް ދޭންޖެހުނު ޖަވާބެއްގެ ގޮތުގައެވެ. އަދި އީރާނަށް އިންޒާރު ދެއްވައި، ހޫޘީންނަށް އިތުރަށް އެހީތެރިވުން ހުއްޓާލުމަށް އެންގެވިއެވެ. އިތުރަށް ޕްރޮވޯކް ކުރަން އުޅެފިނަމަ "ނުރައްކާތެރި ނަތީޖާތަކަކާ" ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވަނީ އިންޒާރު ދީފައެވެ.









