ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ސީޒަން ފަށަންވާ އިރަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބުން ބުނީ، އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ އިރު، މިހާރު 3 ކުޅުންތެރިން ކުލަބާއި ގުޅިފައިވާ ކަމަށެވެ. އެގޮތުން ކުރިން ވެލެންސިއާއާ ނިއު އަށް ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ އިތުރުން އަމްދާން އަލީ (އެންޑީ) އާއި، ހަސަން ސުފިއާނު (ސޫފީ) އަދި އަޙްމަދު ޙަސަން (އައްމަޑޭ) ވަނީ ވިކްޓަރީ އަށް ސޮއިކޮށްފައެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދަރަނީގެ މައްސަލައިގައި އެފްއޭއެމްއިން ސަސްޕެންޑް ކުރި ކްލަބެކެވެ. ނަމަވެސް، ކްލަބުގެ އާ ބޯޑުން އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފައި ވެއެވެ. މިދިޔަ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ވިކްޓަރީއަށް ލިބިފައިވެއެވެ.
އެފްއޭއެމްއިން އަންނަ މަހު އާ ސީޒަން ފެށުމަށް ތާވަލުކޮށްފައިވާއިރު، ގިނަ ކްލަބްތަކުން ވެސް އަންނަނީ އެ ޓީމުތަކުގެ ސްކޮޑް ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި އޮޑި ސްޕޯޓްސް ކްލަބުން ވަނީ ފަރިތަކުރުންތައް ފަށައިފައެވެ.