ރޭ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުގައި 7-1 ގެ ތަފާތުން އާސެނަލް އިން ޕީއެސްވީ ބަލިކޮށް އައު ރެކޯޑެއް ހަދައިފިއެވެ..
މި މެޗުގައި އާސެނަލްގެ ގޯލްތައް ޖެހީ ޖުރިއަން ޓިމްބަރ، އީތަން ނުވަނެރީ، މިކެލް މެރީނޯ، މާޓިން އޯޑެގާޑް (2 ގޯލު)، ލިއެންޑްރޯ ޓްރޮސާޑް އަދި ރިކާޑޯ ކަލަފިއޯރީއެވެ. މި ނަތީޖާއާ އެކު އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ގާތްގަނޑަކަށް ޖާގަ ކަށަވަރުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް ވަނީ 3 ގޯލު ޖަހާފައެވެ. އަދި ދެވަނަ ހާފުގައި އިތުރު 4 ގޯލު ޖަހާފައިވެއެވެ. މި މެޗާއި އެކު އާސެނަލް ވަނީ ފާއިތުވި ދުވަސްތަކުގައި ގޯލު ނުޖެހުމުގެ މައްސަލައަށް ރަނގަޅު ޖަވާބެއް ދީފައެވެ.
މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ މާޓިން އޯޑެގާޑެވެ. އޭނާ ވަނީ 2 ގޯލު ޖަހައި، ޓީމުގެ ކުޅުން ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުގެ ނަތީޖާއާ އެކު އާސެނަލްގެ މެނޭޖަރ މިކެލް އަޓެޓާ ބުނީ މި ކާމިޔާބީ އާ އެކު ޓީމަށް އިތުރު އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.









