މި އަހަރުގެ ރަމަޟާން މަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި ވަޒީރުގެ ދަރިފުޅު އުމުރުން 13 އަހަރުގެ އިލްޔަސައު މުހައްމަދު ޝަހީމް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުން ބުނީ، މި ރަމަޟާން މަހަށް ޚާއްޞަކޮށް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދާ ކަމަށާއި، އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ވެގެންދާނީ އެންމެ ގިނަ ދިވެހި ޒުވާނުން އިމާމުވެ ނަމާދު ކުރާނެ ރޯދަ މަހަށް ކަމަށެވެ.
ޝަހީމާއި ދަރިކަލުން އިލްޔަސައު ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހާއި ދަމު ނަމާދު ކުރައްވާއިރު، އިތުރު ބޮޑެތި މިސްކިތްތަކުގައި އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް ޒުވާން ހާފިޒުން މިކަމުގައި ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން މި ރޯދަ މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނެ ބޭފުޅުންގެ ތެރޭގައި:
އައްޝައިޚު އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފް،
އަލްހާފިޒް އުވައިސް ބިން އިނާޒް އަދި
އަލްޙާފިޒް ޚިޟްރު ބިން އިމާދު ހިމެނެއެވެ.
ފަހު ދިހައިގައި އައްޝައިހު އަލްހާފިޒް ސުލްތާން މުހައްމަދު ލަތީފު ގުޅިވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފާއި އައްޝައިހު އަލްހާފިޒު ސުލްތާން މުހައްމަދު ލަތީފުކަމަށް ވުޒާރާއިން ހާމަކުރިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ޒުވާން ހާފިޒުންގެ ތެރެއިން އުވައިސްއަކީ އުމުރުން 16 އަހަރުގައި ގުރުއާން ހިތުދަސްކުރި ކުއްޖެއް ކަމާއި، އޭނާއަށް މި އަހަރު 17 އަހަރު ފުރޭނެ ކަމެވެ. އަދި ޚިޟްރަކީ އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކުރި ކުއްޖެއް ކަމާއި، އޭނާއަށް މި އަހަރު 18 އަހަރު ފުރޭނެ ކަމެވެ.









