ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ

އައިޝަތު ރުވާ ރިފްޢަތު | 137 ދުވަސް ކުރިން - 27 ފެބްރުއަރީ 2025 12:21
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށް ޒަކާތު ހައުސްއިން ބުނި.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. މިގޮތުން، މިއަހަރުވެސް 5 އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެކަމަށާއި މީގެ ތެރޭގައި ދިރާގު އެޕް، އުރީދޫ އެމް ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކު، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން، އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ރަމަޟާންމަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، 2 މާރިޗުން 20 މާރިޗަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް، އަދި 23 މާރިޗުން 30 މާރިޗަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 11:00 އިން މެންދުރުފަހު 2:00 އަށް ކައުންޓަރުތަކުން ޒަކާތް ބަލައިގަނެވޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ތަފާތު ބާވަތްތަކުގެ ހަނޑޫ އަދި ފުށުގެ މައްޗަށް ބިނާކޮށް ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

  1. އާދައިގެ ހަނޑޫ: 12 ރުފިޔާ
  2. ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
  3. ރަތް ހަނޑޫ: 86 ރުފިޔާ
  4. ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ
  5. ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
  6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ
  7. އާދައިގެ ފުށް: 10 ރުފިޔާ
  8. އާޓާ ފުށް: 75 ރުފިޔާ

ޒަކާތު ހައުސްއިން އިތުރަށް ބުނީ، ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެއް ކަމަށެވެ. މި އިސްލާމީ ފަރުޟު އަޅުކަން ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2 ވަނަ އަހަރުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%