ތުރްކިޔޭ ފުޓްބޯޅަ ކްލަބް ގަލަތަސަރާއީ އިން ޕޯޗުގަލްގެ މަޝްހޫރު ކޯޗު ޖޯސޭ މޮރީނިއޯގެ މައްސަލައެއް ފީފާ އަދި ޔުއެފާއަށް ހުށަހަޅާނެ ކަމަށް ބުނެފިއެވެ. މި މައްސަލަ ހުށަހަޅަނީ ރޭ ކުޅުނު ސުޕަ ލީގު މެޗަށްފަހު މޮރީނިއޯ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.
އިސްތަންބޫލުގެ ދެ ކްލަބު ކަމަށްވާ ގަލަތަސަރާއީ އާއި ފެނަރބާޗޭ ދެމެދު ކުޅުނު މެޗު 0-0 އިން އެއްވަރުވުމަށްފަހު، މޮރީނިއޯ ވަނީ ގަލަތަސަރާއީގެ މެންބަރުންނާއި ދިމާއަށް "މަކުނުތަކެއް ފަދައިން ފުމެން ފަށާފައި" ކަމަށް ގަލަތަސަރާއީ އިން ތުހުމަތުކޮށްފައެވެ.
މި މެޗުގެ ކުރިން ވެސް މޮރީނިއޯ ވަނީ ތުރްކިޔޭގެ ލީގުގައި ރެފްރީކަން ކުރާ ފަރާތްތަކަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާގެ ފާޑުކިޔުންތަކާއި ގުޅިގެން މި މެޗަށް ތުރްކިޔޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ސްލޮވޭނިޔާގެ ރެފްރީއެއް ހަމަޖައްސާފައެވެ.
މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މޮރީނިއޯ ބުނެފައި ވަނީ އޭނާ ރެފްރީންގެ ކޮޓަރިއަށް ގޮސް، މެޗުގެ ހަތަރުވަނަ އޮފިޝަލަކަށް ހުރި ތުރުކީގެ ރެފްރީ އަށް ޝުކުރު އަދާކުރި ކަމަށެވެ. އަދި އެ ރެފްރީ މެޗުގެ މައި ރެފްރީ އަކަށް ހުރިނަމަ، މެޗަކީ ބޮޑު ކާރިސާއަކަށް ވެގެންދިޔައީސް ކަމަށް ބުނެފައިވާ ކަމަށް މޮރީނިއޯ ހާމަކުރިއެވެ.
އުމުރުން 62 އަހަރުގެ މޮރީނިއޯ ފެނަބާޗޭގެ ކޯޗުކަމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުއެވެ. މި ސީޒަނުގެ ކުރީކޮޅު ރެފްރީންނަށް ފާޑުކިޔުމުގެ ސަބަބުން އޭނާ ވަނީ ސަސްޕެންޑް ކުރުމުގެ އިތުރުން ޖޫރިމަނާ ވެސް ކޮށްފައެވެ.
ގަލަތަސަރާއީ އިން މޮރީނިއޯގެ މައްސަލަ ފީފާ އަދި ޔުއެފާއަށް ހުށަހަޅާނެ ކަމަށް ބުނެފައިވީ ނަމަވެސް، މި ކަމާއި ގުޅޭގޮތުން މޮރީނިއޯ އާއި ފެނަބާޗޭ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.









