އާ އަލްބަމް އަންނާނީ މީހުން އުންމީދު ނުކުރާ ގޮތަކަށް ކަމަށާއި މި އަލްބަމް ތަފާތު ވާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ޕޮޕް ސްޓާރ ރިހާނާ ބުނެފިއެވެ.
މިއީ އޭނާގެ އެންމެ ފަހުގެ އަލްބަމް "އެންޓި" ނެރުނުތާ 8 އަހަރު ފަހުން ނެރޭ އަލްބަމެވެ.
ބްރިޓިޝް ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ރިހާނާ ހާމަކުރި ގޮތުގައި އޭނާގެ އާ އަލްބަމް "މައި ބްރެއިން އިޒް ވޯކިން ބެކްވާޑް ރައިޓް ނައު" މިއަހަރުތެރޭ ނެރުމަށް ވަނީ ނިންމާފައެވެ. އަދި އޭނާގެ މިއުޒިކް ކެރިއަރު މިހާރު ވަނީ އެހެން ހިސާބަކަށް ގޮސްފައި ކަމަށާއި، މިހާރު އޭނާ ބޭނުންވަނީ މަޖާ އަދި ތަފާތު ކަމެއް ކުރަން ކަމަށް ރިހާނާ ބުންޏެވެ.
"އަހަރެން މިހާރު ހުރީ ހަމަ މަޖާ ކުރަން ބޭނުންވާ ހިސާބެއްގައި. މީހުން އުންމީދު ކުރާ ގޮތަކަށް ނޫން ކަންތައް ކުރަން ބޭނުމީ." ރިހާނާ ބުންޏެވެ.
އުމުރުން 35 އަހަރުގެ ރިހާނާ އިތުރަށް ބުނެފައިވަނީ އޭނާގެ އާ އަލްބަމް އަވަހަށް ނެރެން އޭނާގެ އަމިއްލަ ނަފްސަށް ޕްރެޝަރ ނުކުރާނެ ކަމަށެވެ.
ރިހާނާގެ އެންމެ ފަހުގެ އަލްބަމް "އެންޓި" ނެރުނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ވިޔަފާރީގެ ދުނިޔެއަށް އަމާޒު ހިފައި، ފެންޓީ ބިއުޓީ އާއި ފެންޓީ ސްކިން ފަދަ ބްރޭންޑްތައް ތަޢާރަފު ކޮށްފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ސުޕަރ ބޯލް ހާފްޓައިމް ޝޯގައި ވެސް ރިހާނާ ވަނީ ޕަފޯމް ކޮށްފައެވެ.
ރިހާނާގެ ފޭން ބޭސް އިން އޭނާގެ އާ އަލްބަމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާއިރު، އޭނާ ބުނަނީ އަލްބަމް ނެރުމުގައި އަވަސްވެގަތުމުގެ ބަދަލުގައި އޭނާއަށް ފަސޭހަ ގޮތަކަށް އެކަންތައް ކުރިއަށްގެންދާނެ ކަމަށެވެ.