އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޮފީހުގައިވާ މަޝްހޫރު ރެސޮލިއުޓް މޭޒު ބަދަލުކޮށްފިއެވެ.
އެ މޭޒު ބަދަލުކުރީ ބިލިއަނަރު އެލޮން މަސްކްގެ 4 އަހަރުގެ ދަރިފުޅު އެކްސް އޭ-ޒައި (އެކްސް) އޯވަލް އޮފީހަށް ޒިޔާރަތްކޮށް، ރައީސްގެ މޭޒު ކައިރީގައި ހުރެ ނޭފަތުގައި އަތްލާ މަންޒަރު ފެނުނު ފަހުންނެވެ.
މަސްކުގެ 4 އަހަރުގެ ދަރިފުޅު ނޭފަތުގައި އަތްލުމަށްފަހު އެ މޭޒުގައި އަތް ހޭކުމުން، މިއީ އަމިއްލަ ނަފްސު ޖަރާސީމުތަކަށް ބިރުގަންނަ މީހެއް ކަމަށްވާ ޓްރަމްޕް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި މޭޒަކީ އިނގިރޭސިވިލާތުގެ ކުއީން ވިކްޓޯރިއާ 1880 ވަނަ އަހަރު އެމެރިކާގެ ރައީސް އޮފީހަށް ދެއްވި މޭޒުކޮޅެކެވެ. މި މޭޒުކޮޅު ބަދަލުކުރުމާއި ހަމައަށް 145 އަހަރު ވަންދެން ބޭނުންކޮށްފައިވާ ރެސޮލިއުޓް މޭޒުގެ ބަދަލުގައި މިހާރު ބޭނުންކުރަނީ ސީ އެންޑް އޯ މޭޒެކެވެ.
ޓްރަމްޕް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ސޯޝަލްގައި އައު މޭޒާއެކު އޯވަލް އޮފީހުގެ ފޮޓޯއެއް ޝާއިޢުކޮށްފައެވެ. އޭނާ ބުނެފައިވަނީ މިއީ ވަގުތީ ބަދަލެއް ކަމަށެވެ. އަދި ރެސޮލިއުޓް މޭޒު މަރާމާތުކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ރާނީ ވިކްޓޯރިއާ އެމެރިކާގެ ރައީސް ރަދަރފޯޑް ބީ. ހޭޒްއަށް ދެއްވި އެ މޭޒު ވަނީ ހަމައެކަނި ތިން ރައީސަކު ފިޔަވައި އެހެން ހުރިހާ ރައީސުން ވެސް ބޭނުންކޮށްފައެވެ.
އެލޮން މަސްކްގެ ދަރިފުޅު އޯވަލް އޮފީހަށް ގެނައީ މަސްކް ސަރުކާރުގެ އައު މަޤާމަކަށް އައްޔަންކުރުމާއި ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެކްސްއަކީ "މޮޅު ކުއްޖެއް" ކަމަށް ވިދާޅުވެފައެވެ.









