ރާއްޖޭގެ އެކި ރަށްރަށުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް އަޅަން ފެށުމަށް ރާވާފައިވާ ޕްލޭނުގެ ދަށުން ފުރަތަމަ ގޮފީގެ ޢިމާރާތް ށ. މާއުނގޫދޫގައި ފަށަން ނިންމައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އޭގެ ކުރެހުން ޢާންމު ކޮށްފިއެވެ.
ވުޒާރާއިން ބުނާ ގޮތުގައި މި މަޝްރޫޢުގެ އަގަކީ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާއެވެ. މި ގޮފީގައި 3 ކްލާސްރޫމާއި ލައިބްރަރީއާއި ހޯލެއް ހިމެނޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ރަމަޟާން މަހަށް ފަހުގައެވެ.
އިސްލާމީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް 4 ރަށެއްގައި ޤުރުއާން މަރުކަޒުގެ ގޮފި އެޅުމަށް އެދިފައިވެއެވެ. އަދި މި މަޝްރޫޢުގައި 2 ހާސް މީހުން ބައިވެރިވެއްޖެނަމަ، މީހަކު ހޭދަކުރަންޖެހޭނީ 2,150 ރުފިޔާ ކަމަށާއި، މިފަދަ ކަންކަން ވެސް ރާއްޖޭގައި ކުރެވެން އެބަހުރި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިއަހަރުގެ ރަމަޟާން މަހަށް ފަހު ރާއްޖޭގެ 6 ރަށެއްގައި އަލަށް މިސްކިތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ. މި މިސްކިތްތައް އަޅާނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް އަދި ތ. ވޭމަންޑޫގައެވެ.









