ޙައްޖުވެރިންގެ އިސް ޝެއިޚަކަށް މިއަހަރު ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ 1446 ވަނަ އަހަރު ރާއްޖޭގެ ޙައްޖުވެރިންގެ އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ މުޠީޢު ކަމަށާއި އޭނާއަކީ އެ ވުޒާރާގެ ވަޒީރުގެ ނައިބު ކަމަށެވެ.
ޝެއިޚް މުޠީޢުއަކީ ސަޢުދީ ޢަރަބިއްޔާގެ ގައްސިމް ޔުނިވަރސިޓީން ޝަރީޢާ އިން ލޯގެ ދާއިރާއިން ޑިޖްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
ޙައްޖުވެރިންގެ ދަތުރުގެ އިންތިޒާމްތައް ފުރިހަމަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަދު ވެސް ވަނީ ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަން އިންނެވެ.









