ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދަރުހެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ދަރުހަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އަލަށް ފަށާ "އައްތަޛްކީރް" ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަރުހެކެވެ.
"مَا غَرَّكَ بِرَبِّكَ الْكَرِيمِ" ތިބާގެ ރައްބާ ތިބާ ދުރުހެލިކޮށްލީ ކޮން ކަމެއް ހެއްޔެވެ؟" މި މައުޟޫއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިނެވެ.
ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ 21 ފެބުރުވަރީ 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:15 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ދަރުހަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާދަތުރެއް ލިބިގެންދާނެ ކަމަށް ދަރުސް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.









