އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރަށް 9 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު އަހަރީ ކަލަންޑަރު ފާސްކޮށްފިއެވެ. މި ބަޖެޓާއި އަހަރީ ކަލަންޑަރު ފާސްކޮށްފައިވަނީ މިއަދު ހުޅުމާލޭ އެތުލެޓިކްސް ސްޓޭޑިއަމުގައި ބޭއްވުނު އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި، އެ ޖަލްސާގައި ބައިވެރިވި 12 މެންބަރު ކުލަބުގެ އިއްތިފާގުންނެވެ.
އަހަރީ ކަލަންޑަރުގައި ބައިނަލްއަގުވާމީ 11 މުބާރާތެއްގައި ބައިވެރިވުމަށް ހިމަނާފައިވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވިދާޅުވިއެވެ. މީގެ ތެރޭގައި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް ހިމެނެއެވެ. މީގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގައި މި އަހަރު 11 ހަރަކާތެއް ބޭއްވުމަށް ވެސް ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.
އަހަރީ އާންމު ޖަލްސާގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، ޔައުމިއްޔާ ވެސް ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ އަހަރު އެސޯސިއޭޝަންގެ ލިޔެކިއުންތައް ރައްކާކުރެވިފައިވާ ގޮތާއި، ބަޖެޓުން ހޭދަކޮށްފައިވާ ގޮތް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ގޮސްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށް ޖެނެރަލް ސެކްރެޓަރީ މުންތަގިމް ވިދާޅުވިއެވެ.










