ގްރީންލޭންޑުގައި ނޭޓޯގެ ސިފައިން އިތުރުކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް ގޮވާލައްވައިފިއެވެ.. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ގަތުމަށް ހުށަހެޅުއްވި ހުށަހެޅުމާއި ދެކޮޅަށް އަޅުއްވާ ފިޔަވަޅެކެވެ.
ޝޯލްޒް މި ހުށަހެޅުން ހުށަހެޅުއްވީ ފެބްރުއަރީ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަރުމަނުވިލާތުގެ ޕާލަމެންޓަރީ އިންތިޚާބުގެ ކުރިން ބޭއްވުނު ޓީވީ ޑިބޭޓެއްގައެވެ. އޭނާ ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ބޯޑަރުތައް ބަދަލުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޑެންމާކާއި އެމެރިކާއާއި ދެމެދު ގްރީންލޭންޑާއި ގުޅޭ ގޮތުން އުފެދިފައިވާ ޚިލާފުގައި ޖަރުމަނުވިލާތުން ތާއީދު ކުރަނީ ޑެންމާކަށް ކަމަށެވެ.
2019 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ވަނީ ގްރީންލޭންޑް ގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭނާ ދެކެވަޑައިގަތީ އާކްޓިކް ސަރަހައްދުގައި އޮތުމާއި އަސްކަރީ އަދި އިގްތިސާދީ ފައިދާތަކެއް ލިބިދާނެތީ ސްޓްރެޓެޖިކް އެސެޓެއްގެ ގޮތުގަ އެވެ. ނަމަވެސް ޑެންމާކުން ވަނީ ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށް ބުނެ ދެކޮޅު ހަދާފަ އެވެ.
ޝޯލްޒް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގަނޑުފެން ވިރިގެން ދިއުމުގެ ސަބަބުން ގްރީންލޭންޑުގެ ސަރަހައްދުގެ ސަލާމަތާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އުފެދިފައިވާކަން ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ އާ ސަރުކާރާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަރުމަނުވިލާތުގެ އިންތިޚާބަށް މިހާރު އޮތީ ދެ ހަފުތާއެވެ. ޕޯލްތަކުން ދައްކާ ގޮތުގައި ޝޯލްޒްގެ ޕާޓީ އޮތީ ތިންވަނައިގައެވެ. އަދި އިދިކޮޅު ޕާޓީ ކުރިއަރާފައި ވީނަމަވެސް، ސަރުކާރެއް އުފެއްދުމަށް އެހެން ޕާޓީއަކާއި ގުޅުން ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ.