އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ދެ މިސްކިތެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ބުނީ، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ. މި މިސްކިތުގެ ކޮންކްރީޓް އާރޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން ޢިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް މި އަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށް ވުޒާރާއިން ފާހަގަކުރިއެވެ. މިއީ ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެކަމަށް ލަފާކުރެވޭ މިސްކިތެވެ.
ވުޒާރާއިން ބުނީ ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ އެހެން މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ފެޑޯ ޕްރައިވެޓް ލިމިޓެޑް، ބެޗް ކޮންސްޓްރަކްޝަން އަދި ސަންފްރޮންޓުން ޢމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅުމާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވުޒާރާއިން ބުންޏެވެ.









