ޖަމްޢިއްޔަތުއް ސަލަފްގެ ހަރަކާތްތަކުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެ ޖަމްޢިއްޔާގެ އިސްވެރިންނާ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ އިސްވެރިންނާއި ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްއާއި، އެ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން އެ ޖަމްޢިއްޔާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހު އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުންނެވެ.
އެގޮތުން، ރަމަޟާން މަހު އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ މިސްކިތު ދަރުސް ޕްރޮގުރާމްތަކާއި، ރަމަޟާން މަހު މިސްކިތްތަކުގައި ސުފުރާ އެޅުމާއި ގުޅޭ ގޮތުންނާ މިސްކިތުގައި އިއުތިކާފްއަށް ތިބުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ، ޖަމްޢިއްޔަތުއް ސަލަފް އިން ރަމަޟާން މަހު ކުރިއަށް ގެންދާ ހަރަކާތްތަކުގައި މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.









