ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް އައިސްފައި ވަނިކޮށް، އެއްބަސްވުމާއި ޚިލާފަށް އިސްރާއީލުން ފަލަސްތީނުގެ 4 މީހުން ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ ޞިއްޙީ ދާއިރާގެ މަސްދަރަކުން ބުނެފިއެވެ.
އެ މަސްދަރުން ބުނާ ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުގައި އިސްރާއީލީ ސިފައިން ހިންގި ހަމަނުޖެހުމެއްގައި ޝަހީދުވި 3 މީހުންގެ ހަށިގަނޑު ގެންދިޔައީ ބެޕްޓިސްޓް ހޮސްޕިޓަލަށެވެ. އަދި ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަލް-ޤަރާރާގައި އިސްރާއީލް ސިފައިން ވަނީ އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައެވެ.
އުތުރު ޣައްޒާ އާއި ދެކުނު ޣައްޒާ ވަކިކުރާ ނެޓްޒަރިމް ކޮރިޑޯ އަށް ދިޔަ މީހުންގެ ގަޔަށް ވެސް ވަނީ ބަޑި ޖަހާފައެވެ.
ޣައްޒާ ސިޓީގެ އިރުމަތީގައި މަޑުކޮށްފައި ތިބި އިސްރާއީލް ސިފައިން ބުނީ ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ނަހަލް އޯޒް ކައިރިން ފަލަސްޠީނުގެ މީހުންނާއި ދިމާލަށް ބަޑި ޖެހީ، އެތަނުގައި އިސްރާއީލް ސިފައިން ތިއްބާ އެމީހުންނާއި ދިމާލަށް ފަލަސްޠީނު މީހުން އަންނަން އުޅޭހެން ހީވެގެންނެވެ.
ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަޢުވާގައި އެރެސްޓް ވޮރަންޓް ނެރެފައެވެ.









