ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާ ސަރުކާރުގެ މާލީ އަނިޔާތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އުފެއްދި މުއައްސަސާ ކަމަށްވާ ކޮންސިއުމަރ ފައިނޭންޝަލް ޕްރޮޓެކްޝަން ބިއުރޯ (ސީއެފްޕީބީ) ގެ ގިނަ މަސައްކަތްތައް ހުއްޓުވާލުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުމް އަމުރުކޮށްފިއެވެ. މި އަމުރު ނެރުއްވީ އެ ބިއުރޯގެ އައު ވަގުތީ އިސްވެރިޔާ ރަސެލް ވޯޓްއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ވޯޓް ވަނީ ވަގުތުން ފެށިގެން ސުޕަވިޜަން، އެގްޒަމިނޭޝަން، ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް އަދި އެންފޯސްމަންޓް އެކްޝަންތައް ހުއްޓާލުމަށް އަންގާފައެވެ.
މީގެ އިތުރުން، އެ ބިއުރޯއިން މިހާރު ހިންގަވާ ތަޙުޤީޤުތައް މަޑުޖައްސާލުމަށާއި، އާންމު މުވާސަލާތުތައް ހުއްޓާލުމަށް ވެސް ވަނީ އަންގާފައިވެއެވެ.
ވޯޓް ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އަޅަންޖެހުނީ އެ ބިއުރޯއާއި ގުޅޭ 711.6 މިލިއަން ޑޮލަރަކާއި ގުޅުންހުރި މައްސަލައެއްގައެވެ. ތަފްޞީލެއް ވިދާޅެއް ނުވެއެވެ.
2008 ގެ މާލީ ހީނަރުކަމަށްފަހު ބަރަކް އޮބާމާގެ ވެރިކަމުގައި އުފެއްދި ސީއެފްޕީބީ ގެ ގިނަ މަސައްކަތްތައް ހުއްޓަލަން އެންގިއިރު ބުރާސްފަތި ދުވަހު އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ) ގެ ޑިރެކްޓަރުކަމަށް ހަމަޖެހުނު ވޯޓް ވިދާޅުވީ މިހާރުގެ މާލީ މާޙައުލުގައި ބިއުރޯގެ މަސައްކަތްތަކަކީ "އެކަށީގެންވާ ވަރަށް ބޭނުންތެރި" މަސައްކަތްތަކެއް ނޫނެވެ.









