އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީ އަރަބިއްޔާގެ ބިމެއްގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިޒްރޭލުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ ސައުދީ އަރަބިއްޔާގައި ހުސް ބިންތައް ވަރަށް ގިނަ ކަމަށާއި، އެއިން ހުސްބިމެއްގައި ފަލަސްތީނު މީހުންނަށް މިނިވަން ދައުލަތެއް ގާއިމްކުރަން ދޭން ފެންނަ ކަމަށެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައި އިސްރާއީލުގެ ބޮޑުވަޒީރު ދެއްކި ޒިންމާދާރުކަން ކުޑަ އަދި ހަރުކަށި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރާ ވަރަށް ސާފުކޮށް ހިލާފު ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތަކުން ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުން ވެސް ރަމްޒުކޮށްދޭ ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޤާނޫނީ ޙައްޤުތަކަށް އަބަދުވެސް ތާއީދުކުރާކަން ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
މީގެއިތުރުން، ސަރަޙައްދީ ހަމަޖެހުން ގެއްލޭފަދަ މިފަދަ ހަރުކަށި ވާހަކަތަކާއި ދެކޮޅަށް ހަރުދަނާ ސިޔާސަތެއް ގެންގުޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.









