މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން މިއަދު ރާއްޖެ-ޖަޕާނު ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރު ކާމިޔާބުކަމާއެކު ބާއްވައި ނިންމާލައިފިއެވެ.
ޑައިލޮގްގައި ދިވެހިރާއްޖޭގެ ވަފުދު ތަމްސީލުކުރެއްވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އަދި ޖަޕާނުގެ ވަފުދު ތަމްސީލުކުރެއްވީ އެސިސްޓަންޓް މިނިސްޓަރ އަދި ޑިރެކްޓަރ-ޖެނެރަލް، ސައުތްއީސްޓް އެންޑް ސައުތްވެސްޓް އޭޝިއަން ޑިޕާޓްމަންޓްގެ މިޔަމޮޓޯ ޝިންގޯ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވުނެވެ. ޚާއްޞަކޮށް އިގްތިޞާދީ އަދި ތަރައްގީގެ އެއްބާރުލުން، ވިޔަފާރި އާއި އިންވެސްޓްމަންޓް، ސަގާފީ ބަދަލުކުރުންތައް، އަދި ސަރަޙައްދީ އަދި ކަނޑުގެ އެއްބާރުލުމުގެ ދާއިރާތަކަށް އިސްކަންދީގެން މަޝްވަރާ ކުރެވުނެވެ.
އަދި އިގްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އައު ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އެއްބަސްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސަރަޙައްދީ އަދި ބައިނަލްއަގްވާމީ އެއްބާރުލުމުގެ ދާއިރާއިން، އިންޑިއަން އޯޝަން ސަރަޙައްދުގެ ސްޓެބިލިޓީ ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކުރާނެ ގޮތްތަކާއި މެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށް މަޝްވަރާކުރެވުނެވެ.
މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ކުރީގެ ހަތަރު ޑައިލޮގްގެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ދެ ޤައުމަށް މުހިންމު ދާއިރާތަކުގައި ނަތީޖާ ޙާޞިލުކުރުމަށް މަސައްކަތްކުރުމުގެ އިލްތިޒާމު އައުކޮށްފައެވެ. ޖަޕާނަކީ ދިގު މުއްދަތެއްގައި ދިވެހިރާއްޖޭގެ މުހިންމު ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކޮށް، ޚާއްޞަކޮށް ތަޢުލީމީ އަދި މަސްވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖޭގެ ތަރައްޤީގެ މަގުގެ ފެށުމުގައި ޖަޕާނުން އަދާކޮށްފައިވާ އިސް ދައުރު ފާހަގަކުރެވުނެވެ.
އެންމެ ފަހުގެ ޕޮލިސީ ޑައިލޮގް ބޭއްވިފައިވަނީ 2023 އެޕްރީލް 4 ވަނަ ދުވަހު ޓޯކިޔޯ، ޖަޕާނުގައެވެ.









