އިނގިރޭސި ލީގު ކަޕް ނުވަތަ ކެރަބާއޯ ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި އާސެނަލްއާ ކުރިމަތިލައި 2-0 އިން މޮޅުވެ، 4-0 ގެ އެގްރެގޭޓުން ނިއުކާސަލް ފައިނަލަށް ދަތުރުކޮށްފިއެވެ.
ނިއުކާސަލްގެ ސެންޓް ޖޭމްސް ޕާކުގައި މެޗުގެ ފުރަތަމަ ގޯލު ޖެހީ ޖޭކަބް މަރފީއެވެ. އެއީ އެލެކްސާންޑަރ އިސާކްގެ ޝޮޓެއް ގޯލު ދަނޑީގަ ޖެހި އަނބުރާ އައުމުން އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ދެވަނަ ހާފުގައި އެންތަނީ ގޯޑަން ވަނީ ނިއުކާސަލްގެ ދެވަނަ ގޯލު ޖަހާފައެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާގެ އަތުން ބޯޅަ ހޯދައިގެން ޖެހި ގޯލެކެވެ.
މި ކާމިޔާބީއާއެކު ނިއުކާސަލް ވަނީ ތިން ސީޒަންގެ ތެރޭގައި ދެވަނަ ފަހަރަށް ކެރަބާއޯ ކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލް މެޗު ކުޅޭނީ 16 މާރިޗު ގައި ވެމްބްލީ ސްޓޭޑިއަމްގައެވެ. ނިއުކާސަލްއާއެކު ދެން ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕަރ އަދި ލިވަރޕޫލްގެ މެޗުން މޮޅުވާ ޓީމެވެ. އެ މެޗު މިރޭ ކުޅޭނެއެވެ.
މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހައު ބުނި ގޮތުގައި ޗެމްޕިއަންސް ލީގްގައި ކުޅުމުގެ ތަޖުރިބާގެ ސަބަބުން ދެ ދުވަހުގެ ތެރޭގައި ގޭމް ޕްލޭން ބަދަލުކުރުމަށް އައިޑިއާ ލިބުނެވެ. އަދި މި މެޗުގައި ޓީމު އިތުރަށް ވަރުގަދަ ކުރުމަށް، ޑިފެންސް އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.
އާސެނަލްގެ ކޯޗު މިކެލް އަރޓެޓާ ބުނި ގޮތުގައި މިއީ ދެރަ ނަތީޖާއެކެވެ. އަދި މި މެޗުގައި ނިއުކާސަލް ވަނީ އާސެނަލް އާއި ދެކޮޅަށް ކުޅެން ޖެހޭ ގޮތަށް ކުޅެފައެވެ. ސެޓް ޕީސްތަކުގައާއި ކުޅުމުގައި ނިއުކާސަލް ވަނީ ވަރަށް ރަނގަޅު ފެންވަރެއް ދައްކާފައި ކަމަށް އޭނާ ބުންޏެވެ.









