އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންނާއި ނުލައި ކޯޕާ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި ރޭ ރިއަލް މެޑްރިޑުން ލެގަނޭސްއާ ކުރިމަތިލައި 3-2 އިން މޮޅުވެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗު ކުޅުނީ ލެގަނޭސްގެ އެސްޓަޑިއޯ މުނިސިޕަލް ޑެ ބުޓަރކުއޭގައެވެ.
އެމްބާޕޭ، ބެލިންގހަމް، ރޫޑިގާ އަދި ކަމަވިންގާ ވެސް ނެތްއިރު ބްރެޒިލްގެ ޖޫނިއާ ވެސް ކުޅެން އެރުވީ މެޗް ނިމެން ގާތްވެފައި ވަނިކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރިއަލް މެޑްރިޑް ވަނީ 2-0 ގެ ލީޑެއް ނަގާފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ރޮޑްރިގޯގެ އެހީގައި ތަޖުރިބާކާރު ލޫކާ މޮޑްރިޗް ވަނީ ފުރަތަމަ ގޯލު ޖަހާފައެވެ. ދެވަނަ ގޯލް 25 ވަނަ މިނެޓުގައި 18 އަހަރުގެ އެންޑްރިކް ވަނީ ޖަހާފައެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި ލެގަނޭސްއަށް ޕެނަލްޓީއެއް ލިބި، ޖުއާން ކްރޫޒް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްލާފައެވެ.
ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޖުއާން ކްރޫޒް އަދި ދާރކޯ ބްރަސަނަކްގެ ވަން-ޓޫ ޕާހަކުން ޖެހި ބޯޅައަކުން ޖުއާން ވަނީ އޭނާގެ ދެވަނަ ގޯލާއެކު ލެގަނޭސް އަށް މެޗުގެ ނަތީޖާ 2-2 އިން އެއްވަރުކޮށްފައެވެ.
އެންޗޮލެޓީ ވަނީ ގޮންޒާލޯ ގާސިއާ އާއި ވިނީޝަސް ޖޫނިއާ ވެސް ކުޅެން އަރުވާފައެވެ. ޖޫނިއާ ރޭގެ ފުރަތަމަ 11 އިގައި ނުހިމެނީ މުޅިން ފިޓް ނުވާތީއެވެ.
މެޗުގެ 90 މިނެޓް ނިިމި، އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ބްރަހިމް ދިއާޒްގެ ކްރޮސް އަކުން 20 އަހަރުގެ ބަދަލުކުޅުންތެރިއާ ގޮންޒާލޯ ގާސިއާ ވަނީ ރިއަލް މެޑްރިޑަށް ގޯލު ޖަހައިދީ 3-2 އިން ރިއަލް މެޑްރިޑް މޮޅުކޮށްދީފައެވެ.
މި ކާމިޔާބީއާއެކު ރިއަލް މެޑްރިޑް ވަނީ ފާއިތުވި 7 ކުއާޓަރ ފައިނަލްގެ ތެރެއިން 3 ވަނަ ފަހަރަށް ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އަދި ލޫކާ މޮޑްރިޗް ވަނީ އޭނާގެ ފަހުގެ 9 މެޗުގައި 3 ގޯލު ޖަހާފައެވެ.









