އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ހުށަހެޅުއްވި ހުށަހެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފު ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ހަމަނުޖެހުން އިތުރުވުން ނޫން އެހެން ނަތީޖާއެއް ނުނިކުންނާނެ ކަމަށް އަރަބި ލީގުން މިއަދު ބުނެފިއެވެ.
22 މެންބަރުން ހިމެނޭ އަރަބި ލީގުގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އާއި އެ ގައުމުގެ ރައީސް މެދުއިރުމަތީގައި އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށް ބޭނުންވާ ކަމުގެ ޔަގީންކަން އޮތް ނަމަވެސް، ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ފަލަސްތީނު ރައްޔިތުން ވަޒަނުން ނެރެ ވިއްސިވިހާލިކޮށްލުމަށް ބާރުއެޅުން ކަމަށެވެ. އަދި އަރަބި އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެކަމާ އަބަދުވެސް ދެކޮޅު ކަމަށެވެ.
ޣައްޒާއަށް އިޒްރޭލުން ދެމުންގެންދިޔަ ހަމަލާތައް 15 މަސްދުވަހަށްފަހު މެދުކަނޑާލާފައި ވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރާނެ ކަމަށެވެ. މިފަދައިން ޓްރަމްޕް ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
އަރަބި ލީގުން އިތުރަށް ބުނީ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތް ގާއިމުކުރުމުގެ ހައްލެއް ގެނައުމަށް ގޮވާލާ ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާ ވެސް، މުސްތަގުބަލުގައި އުފެދޭ ފަލަސްތީނުގެ ދައުލަތުގެ ތެރޭގައި ހިމެނޭ ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ނުގެނެވޭނެ ކަމަށެވެ.
މީގެއިތުރުން، އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ވެރިޔާ ވޮލްކަ ތުރުކް ވެސް ވިދާޅުވެފައި ވަނީ، އިޒްރޭލުން އިސްތިއުމާރު ކޮށްފައިވާ ސަރަހައްދު ތަކަށް ގަދަކަމުން މީހުން ބަދަލުކުރުން ނުވަތަ ޑީޕޯޓް ކުރުމަކީ މަނާ ކަމެއްކަން ބައިނަލްއަގްވާމީ ގާނޫނުތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
ޓްރަމްޕްގެ މި ހުށަހެޅުމާއި ގުޅިގެން އިސްލާމީ އަދި ޢަރަބި ޤައުމުތަކުން ދަނީ ގަދައަޅައި ދެކޮޅުހަދަމުންނެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.









