އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުމް އިސްރާއީލަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ބޮންތަކާއި އެހެނިހެން އަސްކަރީ އާލާތްތައް ވިއްކުމަށް ކޮންގްރެސްގެ ހުއްދައަށް އެދިފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ރިޕޯޓުކޮށްފިއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހުށަހަޅާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 700 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު 4،700 އެއްހާސް ޕައުންޑުގެ ބޮންތަކާއި 300 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ހަތިޔާރު އެޅި ބުލްޑޯޒަރުތައް ހިމެނެއެވެ.
ޓްރަމްޕުގެ ސަރުކާރުން މިގޮތަށް ނިންމީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވޮޝިންގްޓަނަށް ޒިޔާރަތްކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ނެތަންޔާހޫ ވަނީ މިއަދު ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރައްވައި ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާއި ސަރަހައްދީ ކަންކަމާއި މެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައެވެ.
ބައިޑެން ސަރުކާރުން، އެ އިދާރާގެ ދައުރު ނިމުމުގެ ކުރިން، އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ކޮންގްރެސްއަށް "ނުރަސްމީކޮށް" އަންގާފައި ވެސް ވެއެވެ.
އެމެރިކާއިން އިސްރާއީލަށް އަސްކަރީ އެހީ ދިނުމާއި މެދު ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ޣައްޒާގއި 2023 ގެ އޮކްޓޯބަރު 7 އިން ފެށިގެން ބައިލައްކައަށްވުރެ ގިނަ ރައްޔިތުން ޝަހީދު ވިއެވ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، ކުރީގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލުންނާއި، ޑިމޮކްރެޓިކް މެމްބަރުން ވަނީ އެމެރިކާ ސަރުކާރަށް ގޮވާލާފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ލީހީ ލޯ ފަދަ އެމެރިކާގެ ގާނޫނުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ގަވާއިދުން ނިގުޅައިގަނެފައެވެ. ނަމަވެސް އިސްރާއީލުން މި ތުހުމަތުތައް ދޮގުކުރެއެވެ.









