ސަޢުދީ ޢަރަބިއްޔާއިން ފޮނުވި ކަދުރުން މާލެ ސަރަޙައްދަށް ބަހަން ކަނޑައެޅި މިންވަރު ބަހާ ނިމިއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ 1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދީފައިވާ 50 ޓަނުގެ (250000 ޕެކެޓު) ކަދުރުގެ ތެރެއިން މާލެ ސަރަޙައްދަށް ބެހުމަށް ކަނޑައެޅުނު ޢަދަދު ބަހާ ހުސްވެފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މިއީ ގިނަ ޒަމާންތަކަށް ފަހު ރޯދަ މަހުގެ ކުރިން ކަދުުރު ބެހި ފަހަރު ކަމަށެވެ.
ސަޢުދީން ހަދިޔާ ކުރި ކަދުރުތައް ބަހަން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 20 ގައެވެ. ކަދުުރުތައް މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ ޖަނަވަރީ މަހުގެ 16 ގައެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާފައިވަނީ އިސްލާމިކް މިނިސްޓްރީގައެވެ. ކަދުރު ބަލައި ހާޟިރުވި ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދީފައިވާއިރު، ގޭބިސީތަކަށް ކަދުރު ބަހާފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ.
ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.









