ޔޫއެސް އެއިޑް އަކީ ކޮރަޕްޓް އަދި ކުށްވެރިންގެ އެޖެންސީއެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ގާތް މުސްތަޝާރު އަދި އިސް ސްޓްރެޓެޖިސްޓް އެލޮން މަސްކް ސިފަކުރައްވާފައެވެ.
މަސްކްގެ މި ބަސްފުޅުތަކާ ގުޅިގެން ޔޫއެސްއެއިޑް އެޖެންސީގެ އިސްފަރާތްތައް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ، ރުޅިއައިސްފައެވެ.
ޓްރަމްޕް ވެސް ވަނީ ޔޫއެސްއެއިޑް ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާއިން ހިންގަމުން ގެންދިޔަ ކުދިކުދި އެހީތައް ދިނުމުގެ ހަރަކާތްތަކަކީ އެމެރިކާއަށް އޭގެ މާބޮޑު ހެޔޮ ބަދަލެއް ނާންނަ ބޭކާރު ޚަރަދުތަކެއް ކަމަށް ސިފަކުރައްވާފައެވެ.
"އެމެރިކާ ބޭނުންވަނީ އެހެން ގައުމުތަކަށް ފައިސާ ޚަރަދު ކުރުމުގެ ބަދަލުގައި އެހެން ގައުމުތަކުން އިންވެސްޓްމަންޓާއި ފައިސާ," ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު ޔޫއެސްއެއިޑްގެ ހަރަކާތްތަކާއި އެ އެޖެންސީ މެދުވެރިކޮށް އެމެރިކާ ސަރުކާރުން ގައުމުތަކަށް ދޭ ކުދިކުދި އެހީތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ ބޭކާރު ޚަރަދުތަކެކެވެ. އަދި މިއީ ކޮރަޕްޝަނާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.
ޓްރަމްޕް ވަނީ ޔޫއެސްއެއިޑްގެ ކަންކަން ބަލައި މުރާޖައާ ކުރުމަށްފަހު އެ އެޖެންސީގެ މުސްތަގުބަލާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ ޓްރަމްޕަކީ ދަހިވެތި އުސޫލު ގެންގުޅުއްވާ ބޭފުޅަކަށްވާތީ އެންމެ ގާތީ ޔޫއެސްއެއިޑްގެ ހަރަކާތްތައް އެއްކޮށް ހުއްޓާލުމަށް ނިންމެވުން ކަމަށެވެ.









