ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މީހުންނާއި ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ އިސްރާއީލްގެ ފޭރޭމީހުންނާއި ޖަމާޢަތްތަކާއި ދެކޮޅަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަޅާފައިވާ ފިޔަވަޅުތައް ރައީސް ޓްރަމްޕް ރަސްމީކޮށް އުވާލައިފިއެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހުކުރު ދުވަހު ވަނީ އެ ފިޔަވަޅުތައް މިހާރު އުވައިލައިފި ކަމަށް ބުނެ ރަސްމީކޮށް އެކަން އިޢުލާން ވެސް ކޮށްފައެވެ. މީގެ ތެރޭގައި އަމާނާ ސެޓްލްމަންޓް މޫވްމަންޓްވެސް ހިމެނެއެވެ.
އިސްރާއީލާއި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ނިންމުން ރައީސް ޓްރަމްޕް ނިންމާފައި ވަނީ އޭނާ ސޮއިކުރި އައު އެގްޒެކެޓިވް އޯޑަރެއްގެ ދަށުންނެވެ.
ޓްރެޜަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް) އިން މި ފިޔަވަޅުތައް އުވާލާފައިވަނީ ބައިޑެން ސޮއިކުރި އެގްޒެކެޓިވް އޯޑަރ 14115 ގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެވެ. މި އޯޑަރުގައި ބައިޑެން ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.
ޓްރަމްޕް މި ފިޔަވަޅުތައް އުވާލުމަށް ނިންމިއިރު މިއީ ބައިޑެން ސަރުކާރުން ނެރެފައިވާ 70 އަށްވުރެ ގިނަ އެގްޒެކެޓިވް އޯޑަރުތައް އުވާލުމުގެ ތެރެއިން އޭނާ ކުރި ކަމެކެވެ.
ހުޅަނގު އައްސޭރީގައި އިސްރާއީލް ފޭރޭމީހުންގެ އަނިޔާވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި މި ފިޔަވަޅުތައް އުވާލުމުން ސަރަހައްދުގެ ހަމަޖެހުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އިސްރާއީލް ސަރުކާރުން މި ނިންމުމަށް މަރުހަބާ ކިޔާފައިވެއެވެ.
މިކަމުގެ ސަބަބުން ފޭރޭ ޖަމާޢަތްތަކަށް އެމެރިކާއިން ދޭ ފައިސާ އާއި ހަތިޔާރުތައް ހުރަހެއް ނެތި ލިބޭނެއެވެ.
ބައިޑަންގެ ވެރިކަމުގައި ހުޅަނގު އައްސޭރީގައި ތިބި ފޭރޭ އިސްރާއީލް ޖަމާޢަތްތަކަށް ފައިސާ ފޯރުކޮށްދިނުމާއި ހަތިޔާރު ދިނުމުގައި ދަތިކޮށްލީ ފަހަރެއްގައި ވެސް މުސްލިމުން ޙިމާޔަތް ކުރުމަކަށް ނޫނެވެ. އޭނާ އެވަގުތު އެ ނިންމުން ނިންމީ ދުނިޔޭގެ ލަދަށެވެ.
ޣައްޒާގައި އިސްރާއީލުން ހިންގި ޤަތުލުޢާންމު ނިމުނުއިރު އެތަން އޮތީ މުޅިން ސުންނާފަތި ވެފައެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ޓްރަމްޕް މަސައްކަތް ކުރެއްވީ ޣައްޒ ރައްޔިތުން އެ ބިމުން ބާލައި މިޞްރަށާއި އުރުދުން އަށް ބަދަލު ކުރުމަށެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނާއި މިޞްރާއި އަދި އުރުދުން އިން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.
ޣައްޒާ ހަނގުރާމައިގައި ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ. އަދި 111,500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިސްރާއީލީ ސިފައިންގެ އަތްދަށުގައި 873 ފަލަސްތީނު މީހުން ވަނީ ޝަހީދު ވެފައެވެ. އަދި 6,700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.









