ހޮލެންޑްގެ ފުޓްބޯޅަ ކުލަބް އަޔެކްސްގެ ކެޕްޓަން ޖޯޑަން ހެންޑަރސަން، އޭނާ މޮނާކޯއަށް ބަދަލުވާ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ޚަބަރުތައް ދޮގުކޮށްފިއެވެ.
އިއްޔެ ފެއެނޫޑާ އެކު ކުޅުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ހެންޑަރސަން ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އިނގިރޭސި މިޑްފީލްޑަރު ހެންޑަރސަން އަޔާކްސް އާއި ގުޅުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ކުރިން އޭނާ ކުޅެމުން ދިޔައީ ސައުދީ އަރަބިއާގެ ކުލަބް އަލް-އިއްތިފާޤްގައެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި މީޑިއާގައި ޚަބަރުތަކެއް ފެތުރުނެވެ، ހެންޑަރސަން އަޔާކްސް ދޫކޮށް ފްރާންސްގެ ކުލަބް މޮނާކޯއަށް ބަދަލުވާން އުޅޭ ކަމަށެވެ.
"އަހަރެންގެ މުސާރައާ ބެހޭ ގޮތުން މީޑިއާގައި ވަރަށް ގިނައިން ވާހަކަދެކެވޭ. ނަމަވެސް އަހަރެން ހުންނާނީ މިތާ. އަހަރެން މި ކުލަބަށް އަދި ޓީމަށް ހުރިހާ އެއްޗެއް ދޭނަން،" ހެންޑަރސަން ބުންޏެވެ.
އިތުރަށް ވާހަކަދައްކަމުން ހެންޑަރސަން ބުނީ މީޑިއާގައި އޭނާ އާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އެކަމުގެ ސަބަބުން އޭނާގެ އާއިލާއަށް ވެސް އަސަރުކުރާ ކަމަށެވެ. “އަހަރެންނަކީވެސް އިންސާނެއް. އަހަރެންގެވެސް އާއިލާއެއް އެބައޮތް. މީޑިއާގައި ދޮގު ވާހަކަތައް ކިޔާލުމުން އެމީހުންނަށް ވެސް އަސަރުކުރޭ،" އޭނާ ބުންޏެވެ.









