ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން 'މަޖާސިލް ރަމަޟާން'ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ދަރުސްތަކެއް ބާއްވަން ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ މިއީ ސިލްސިލާ ދަރުސްތަކެއް ކަމަށާއި މި ދަރުސްތަކަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭހެން މަޝްހޫރު ޢިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ދަރުސްތަކެއް ކަމަށެވެ.
މި ދަރުސްތަކުގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ބައެއް މަޢުޟޫއުތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދައިގެ ޙުކުމާއި، ރޯދައިގެ މާތްކަމާއި، ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައި ކަމަށެވެ. މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވުޒާރާއާއި ކައުންސިލްތަކާއި ގުޅިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ދަރުސްތަކުގެ ތާވަލު މިނިސްޓްރީގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ޙިއްސާ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.









