މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ފިލައިގެން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ބަލައި ފާސްކުރި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ތަނެއް ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ ބިދޭސީ މީހާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ދަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5،600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
މީގެ އިތުރުން، އާންމު ސަރަޙައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަޙަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާތީ، އެފަދަ ސަރަޙައްދުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ވަނީ ފަށާފައެވެ.
އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވިދާޅުވެފައިވަނީ އާންމު މަސްލަޙަތަށް ނުރައްކާވާފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިލްސިލާކޮށް އެފަދަ ތަންތަނުގައި ހަރަކާތްތެރިވާނެ ކަމަށެވެ.









