އެމެރިކާއަށް މިވަގުތު ކުރިމަތިވެފައިވާ އަލިފާނާއި ސްނޯގެ ބޮޑެތި ކާރިސާގައި މިހާތަނަށް 40 މީހުން މަރުވެ، ބޮޑެތި އިޤްތިޞާދީ ގެއްލުންތަކެއް ލިބިއްޖެއެވެ.
ކެލިފޯނިއާގައި ޖަނަވަރީ 7 ވަނަ ދުވަހު ފެށުނު ޕަލިސޭޑްސް އަދި އީޓަން އަލިފާނުގެ ހާދިސާތައް އިއްޔެ އާއި ހަމަޔަށް ވަނީ ކޮންޓްރޯލްކުރެވިފައެވެ. މި ހާދިސާގައި ޖުމްލަ 37,000 އޭކަރަށްވުރެ ގިނަ ސަރަހައްދެއް އަނދައި، 16,000 އަށްވުރެ ގިނަ އިމާރާތް ހަލާކުވެ، 32 މީހުން މަރުވެފައިވެއެވެ. މި ހާދިސާތަކުގެ އިޤްތިޞާދީ ގެއްލުން 250 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
އަނެއްކޮޅުން، އެމެރިކާގެ ދެކުނުގައި ތާރީޚުގައި ނުދެކޭފަދަ ގަދަ ސްނޯ ވެހި، އާންމުކޮށް މިފަދަ ފިނި މޫސުމަކަށް އާދަވެފައިނުވާ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މި ސްނޯގެ ސަބަބުން މަދުވެގެން 8 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ސްނޯގެ ނުރައްކާ އަދިވެސް އެބައޮތެވެ. މި ދުވަސްވަރު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާ ކުރެއެވެ.
މި ދެ ބާވަތުގެ ކާރިސާ އެއްފަހަރާ ދިމާވުމުން، އެމެރިކާގެ މޫސުމީ ބަދަލުތަކަށް ތައްޔާރުވުމުގެ ދެރަކަން ހާމަވެ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ ކަމާއި، އެމެރިކާ އޮތީ މިފަދަ ކަމަކަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.









