ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާއި މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިއްޔެ ވައިޓް ހައުސްގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރަޝިއާއިން ޔުކްރޭނުގައި މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ "އަޅުގަނޑުމެން ވާހަކަދައްކާނަން، އަދި އަޅުގަނޑު ހިތުން އަޅުގަނޑުމެން މުހިންމު ކަމެއް ކުރާނަން. އަޅުގަނޑުމެން ބޭނުންވަނީ އެ ހަނގުރާމަ ނިންމާލަން" ކަމަށެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ 2022 ގައި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުނުއިރު އޭނާ ރައީސްކަމުގައި ހުންނެވިނަމަ އެ "ބިރުވެރި" ހަނގުރާމަ ފެށިގެން ނުދާނެ ކަމަށެވެ.
"މިއީ ހަމަ ބޭކާރު ކަމެއް، އަދި މިކަން ހުއްޓަންޖެހޭ. އެހެންވީމާ، އަޅުގަނޑަށް މިކަން ހުއްޓުވުމަށް ކުރެވޭނެ ކޮންމެ ކަމެއް ކުރާނަން. އަޅުގަނޑުމެން މަޝްވަރާތައް ކުރަމުންދަނީ... މިހާރުވެސް ވާހަކަދައްކަމުންދަނީ" ޓްރަމްޕް ވިދާޅުވިއެވެ.
ޕުޓިންއާއި މިހާރު ވާހަކަދައްކަވައިފިތޯ އެއްސެވުމުން ޓްރަމްޕް ވިދާޅުވީ "އަޅުގަނޑު ހަމައެކަނި އެވާހަކަ ބުނަން ބޭނުމެއް ނޫން. އަޅުގަނޑުމެން ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރަމުންދަނީ އެކަމާ ގުޅޭގޮތުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރަޝިޔާއާއެކު އެކަން ނިންމާލަން" ކަމަށެވެ.









