ފަހަކަށް އައިސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި އަމާންކަން ގެއްލޭ ގޮތަށް ބިދޭސީން ހަމަނުޖެހުން އުފައްދާ މައްސަލައިގައި ކުރިޔަށް ގެންދިއުމަށް ނިންމި އިންސްޕެކްޝަން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިހާރު ވަނީ އާޓިފިޝަލް ބީޗް، ރަސްފަންނު އަދި ބައެއް ޕާކިންގ ޒޯން ސަރަހައްދުތަކުގައި މޮނިޓަރިންގ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ފެށިފައިވަނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި އާންމު މަސްލަހަތު ގެއްލޭ ކަންތައްތައް ހިނގައި ތަކުރާރު ވަމުންދާތީއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި އޮޕަރޭޝަން ކުރިޔަށް ގެންދާނީ ސިލްސިލާ ގޮތެއްގައެވެ. އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އެއްވެސް މައްސަލައެއް ފާހަގަ ވެއްޖެނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަ މަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ، ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވޭ. އަންނަ އަހަރު މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ،" ޝަމްއާން ވިދާޅުވިއެވެ.
އެހެންނަމަވެސް، އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އެކަށީގެންވާ މިންވަރަށް ޖާގަ ނެތުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ. ނަމަވެސް މި މައްސަލައަށް ވެސް 2025 ވަނަ އަހަރު ހައްލެއް ގެނެވޭނެކަމުގެ އުންމީދު އޮތްކަމަށް ޝަމްއާން ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ދަށުން، ބިދޭސީން އާންމުކޮށް ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މައްސަލަތައް ވެސް އިމިގްރޭޝަނުން ބަލަމުންދާކަން ފާހަގަކޮށްލެވެއެވެ. މިފަދަ ގިނަ ގޮޅިތައް ބަލައި ފާސްކުރުމަށްފަހު، ބައެއް ބިދޭސީން ވަނީ އަތުލައިގަނެވިފައެވެ.









