ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤްރީރެއް ދެއްވުމަށް އެ ގައުމުގެ ސަރުކާރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް ދައުވަތު ދެއްވައިފިއެވެ. މި ދައުވަތު ވަޒީރާއި ހަވާލުކުރެއްވީ މިއަދު މޮރޮކޯގެ ނަންރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީއެވެ.
މި ދައުވަތަކީ މޮރޮކޯގައި ރަމަޟާން މަސް އިހުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ 'ހަސަނީ ފިލާވަޅު' ޕްރޮގްރާމުގެ ތެރެއިން ދެއްވާފައިވާ ދައުވަތެކެވެ. މި ޕްރޮގްރާމަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ، މޮރޮކޯގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ.
'ހަސަނީ ފިލާވަޅު' ގެ ސެޝަން ތަކުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއު ތަކާއި ބެހޭގޮތުން މަޝްވަރާކުރެއެވެ. މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ މޮރޮކޯގެ އެމްބެސެޑަރާއި ބައްދަލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު ވަނީ އަރުވާފައެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީން ކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.









