އދ. މަހިބަދޫ، ޝާދީ ވިލާގެ 12 އަހަރުގެ ޒަލަފް ބިން ނާފިޢު ކީރިތި ޤުރްއާން ހިތުދަސްކޮށްފިއެވެ.. ޒަލަފް ޙާފިޡްކަމުގެ ސަނަދު ހާސިލުކުރީ 2025 ޖަނަވަރީ 12 ވަނަ ދުވަހުއެވެ.
މީގެ އިތުރުން، މާލޭ މއ. ރިހިރާޅުގެ 17 އަހަރުގެ އާމިނަތު އިލްމާ ޠަލްޙަތު ވެސް ވަނީ ހަމަ މި ދުވަހު ކީރިތި ޤުރްއާން ހިތުދަސްކޮށް ނިންމާފައެވެ.

މއ. ރިހިރާޅުގެ 17 އަހަރުގެ އާމިނަތު އިލްމާ ޠަލްޙަތު އާއި ވަޒީރު ޑރ. ޝަހީމް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން ފޮޓޯ: އިސްލާމިކް މިނިސްޓްރީ.
މި ދެ ދަރިވަރުންނާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި އެ ކުދިން ހޯދާފައިވާ ކާމިޔާބީއަށް މަރުޙަބާ ދަންނަވައި، ޤުރްއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެ ވަޑައިގެން ހިތްވަރު ދެއްވާފައި ވެއެވެ.
ކޮންމެ އަހަރަކުވެސް ޤުރްއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިނާމާއި، މެޑެއްޔާއި އަދި ހަނދާނީ ލިޔުން ދެއްވަމުން ގެންދަވައެވެ.









