ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ވަކިން ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިވެސް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އެންމެ ފަހުން ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ރޭ ފަތިހު 04:30 އިން 10:30 އަށެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާމެދު ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސް ކުރައްވައެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ މާދަމާގެ ފަހުން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާއި ދެމެދުގައި ކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.
މިވޭތުވެދިޔަ 24 ގަޑިއިރު ކުރި ވިއްސާރައަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ދިއްފުއްޓަށެވެ. އެރަށަށް 77 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކައެވެ.