މި އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ހާފިޒުންނަށް "ސްޕެޝަލް ވިސާ" އަށް އެދުމުގެ ފުރުޞަތު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނީ އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދު އިމާމުވެ ކުރުމަށް، ރާއްޖެއިން ބޭރުން ހާފިޒުންނާއި ގާރީން ގެނައުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކުން ވިސާއަށް އެދި ހުށަހެޅުމުން، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވެ، އެޕްރޫވަލް ލިބޭ މީހުންނަށް، ރާއްޖެ އަންނަ ދުވަހުން ފެށިގެން 45 ދުވަހުގެ "ސްޕެޝަލް ވިސާ" ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް imuga.immigration.gov.mv މެދުވެރިކޮށް "ސްޕެޝަލް ވިސާ" އަށް އެދި "IM22" ފޯމް ހުށަހެޅުމަށް އެ އިޢުލާނުގައި ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ހުށަހަޅާ އެޕްލިކޭޝަންތަކަށް ވީސާ ދޫކުރުމާ މެދު ނިންމާ ގޮތުގެ މަޢުލޫމާތު އެޕްލިކޭޝަން ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް) "އިމުގާ" ޕޯޓަލްއިން އަދާހަމަކުރާނެ ކަމަށެވެ.
ސްޕެޝަލް ވިސާ އަށް އެދި ހުށަހަޅާ ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކަކީ، ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ހިފްޒުކޮށް، ތަރާވީހް ނަމާދު އިމާމުވެ ކުރުމަށް ރާއްޖެއިން ބޭރުގެ ހާފިޒުންނާއި ގާރީން ގެނައުމަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ރަސްމީ ހުއްދަ އާއި ސްޕެޝަލް ވީސާ އަށް އެދޭ ފޯމާއި ވީސާ އަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމެވެ.
ރާއްޖެއިން ބޭރުގެ ޤައުމުތަކުން އަންނަ ފަރާތްތަކަށް ދޫކުރެވޭ "ސްޕެޝަލް ވިސާ" އަދި "ސްޕޮންސާޝިޕް ޑެކްލަރޭޝަން" އިމިގްރޭޝަނުން އެޕްރޫވް ކުރުމުގެ ކުރިން، އެއްވެސް މީހަކު ރާއްޖެއަށް އައުމަށް ދަތުރު ނުފެށުމަށާއި އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.









