ބައިނަލްއަޤްވާމީ ފެންވަރުގައި ސާފު ހަކަތައިގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މުސްތަޤުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ލާޒިމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ މެސެޖުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.
"އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި," ރައީސް މުޢިއްޒު ވިދާޅުވިއެވެ. "2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަޅުގަނޑުމެންގެ ވަރުގަދަ އަމާޒެކެވެ."
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރުހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ.
އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް ތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވަނީ މި މަސައްކަތުގައި ދެމިތިބުމަށް އެފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިންނަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ.









