މުސްލިމުން މަރަމުންދާ އިޒްރޭލަށް އެމެރިކާއިން އަނެއްކާ ވެސް ފަނާކުރަނިވި ބޮން ފޮނުވަން ފަށައިފިއެވެ.
ބައިޑެންގެ ވެރިކަމުގައި ދުނިޔޭގެ ޕްރެޝަރާއި ލަދަށް އޭނާ ވަނީ ޔަހޫދީންނަށް ފަނާކުރަނިވި 900 ކިލޯގެ ބޮން ފޮނުވުން މެދުކަނޑައިލާފައެވެ. އެ ނިންމެވުން އޭނާ ނިންމެވީ ވެސް ވެރިކަމުގެ ފަހު ދުވަސްކޮޅެވެ. އެ ނިންމުން ބަދަލު ކުރައްވާފައި މި ވަނީ އައު ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ޓްރަމްޕް ވިދާޅުވީ އެ ބޮންތައް މިހާރު ވަނީ ދޫކޮށްފައި ކަމަށެވެ. އެއީ ޔަހޫދީން ފައިސާ ދައްކާފައިވާ އެއްޗެއްޗެއް ކަމަށާއި އޭގެ އިންތިޒާރުގައި އެ މީހުން ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
900 ކިލޯގެ ބޮމަކީ ވަރަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެކެވެ. ޔަހޫދީން މި ހަތިޔާރު ބޭނުން ކޮށްފައި ވަނީ ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅެމުން ދިޔަ ބޮޑެތި އިމާރާތްތައް ސުންނާފަތިކޮށް ބިމާއި ހަމަކޮށްލުމަށެވެ. މިފަދަ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ޝަހީދުވި އަސްލު ޢަދަދު ނުވެސް އެނގެއެވެ.









