ށ. ފުނަދޫގެ މިސްކިތަކުން ގަބުރު ކަށިތަކެއް ފެނުމުން އެ މިސްކިތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލައި މިސްކިތް ބަންދުކޮށްފި އެވެ.
އެ މިސްކިތް ބަންދުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފުނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށު އުތުރުކޮޅުގައި ހުންނަ ކުޑަ މިސްކިތް (މަސްޖިދުލް ގުފްރާން) އިން ގަބުރު ކަށިތަކެއް ފެނުމާއި ގުޅިގެން އެ މިސްކިތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ.
މިކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ މިސްކިތް ހުންނަ ތަނަކީ ކުރިން ގަބުރުސްތާނެއް ހުރި ތަނެއް ކަމަށެވެ. މީގެ ކުރިން ވެސް އެ މިސްކިތުން ގަބުރު ކަށިތަކެއް ފެނިފައިވާ ކަމަށާއި އެތަނުގައި އިތުރު ގަބުރު ކަށިތަކެއް ހުރެދާނެ ކަމަށް ބުނެ އާންމުން ކައުންސިލަށް ޝަކުވާ ކުރުމުން އެތަން ކޮނެގެން ބެލިއިރު، މި ކަށިތައް ފެނުނީ ކަމަށް އޭނާ ބުންޏެވެ.
ބެލެވޭ ގޮތުގައި އެއީ ވަރަށް ގިނަ ދުވަސްވީ ކަށިތަކެއް ކަމަށާއި މިހާރު އެ ކަށިތައް ނަގައިގެން ގެންގޮސް ގަބުރުސްތާނުގައި ވަޅުލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ދުވަސްވީ މިސްކިތްތަކުގެ އަޑިން ގަބުރު ފެނިގެން މިސްކިތް ބަންދުކޮށްފައިވެ އެވެ.









