ސަޢޫދީ ޢަރަބިއްޔާއިން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއާއެކު 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި ވިޔަފާރި ފުޅާކުރުމަށް ރާވާފައިވާ ކަމަށް އިޢުލާން ކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު ބޭއްވުނު ފޯނު މަޝްވަރާއަކަށް ފަހު ވެވުނު އެއްބަސްވުމެކެވެ.
ޓްރަމްޕާއި އެކު ކުރެވުނު މަޝްވަރާގައި މެދުއިރުމަތީގައި ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާއި ބެހޭގޮތުން ވެސް ވާހަކަ ދެކެވުނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކުރިޔަށް އޮތް ހަތަރު އަހަރު ސަޢޫދީން ކުރާ 600 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓްގައި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކާއި ތަކެތި ގަތުން ހިމެނެއެވެ.
މި މަޝްރޫޢަކީ ސަޢޫދީ ޢަރަބިއްޔާގެ "ވިޝަން 2030" އާ އެއްގޮތްވާ ގޮތުގެ މަތިން، ތެލަށް ބަރޯސާވުން ކުޑަކޮށް، އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކޮށް، އައު ޞިނާޢަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.
މި އިންވެސްޓްމަންޓްގެ ތަފްސީލު އަދި ހާމަކޮށްފައި ނުވާއިރު، ފާހަގަކޮށްލެވޭ ކަމަކީ، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި (2017-2021) އޭނާގެ ފުރަތަމަ ބޭރު ދަތުރު ކުރެއްވީ ސަޢޫދީ ޢަރަބިއްޔާއަށް ކަމެވެ. މިއީ ޓްރަމްޕާއި ސައޫދީއާއި ދެމެދު އޮތް ގުޅުން ވަރަށް ބަދަހި ކަމުގެ ހެއްކެކެވެ.









